މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ މި މަސައްކަތްތައް ކުރަން ފަށާފައިވަނީ، ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ތައްޔާރުވުމާއެކުގައި ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިފްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މެދުކެނޑުމެއް ނެތި، ހީވާގިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިފްކޯއިން އިތުރަށް ބުނިގޮތުގައި އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތައް މަޖުބޫރު ރިޕެއާ އަދި މެއިންޓެނެންސް ކުރުން ވަރަށް ބޮޑަށް ލަސްވެފައިވާތީ ކުރިމަތިވާ ހުރަސްތައް ކަމަށެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހޭ އަދި އަސާސީ މަރާމާތުތަކާއި، ބަދަލުކުރަން ޖެހޭ ތަކެތި ބަދަލުކުރުމަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ އިތުރުން، މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މެނޭޖްމަންޓުން އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިޔުއެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އަމާޒު ކަމަށެވެ. އެގޮތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި:
އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދޫ އަތޮޅަށް ގެންދިއުމުގެ ބަދަލުގައި، ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުން.
އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުން.
އެންސިސްގެ މަސް ކާރުހާނާ މިފްކޯއަށް ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއެކު މަޝްވަރާ ކުރުން.
ގދ. ތިނަދޫގައި ގާއިމްކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަލް ކުރުން.
އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރުތެރޭގައި ފެށުން.
ކޫއްޑޫގެ މަސް ގަތުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުން.
ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑުކުރުން.
ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުން.
މިފްކޯއިން ބުނީ މި މަސައްކަތްތަކަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ދިވެހި މަސްވެރި ސިނާއަތާއި މަސްވެރިންގެ ހިދުމަތުގައި ކުރަމުންދާ މަސައްކަތްތަކަކީ ފައިދާހުރި، ދެމެހެއްޓެނި މަސައްކަތްތަކަށް ހެދުން ކަމަށް މިފްކޯއިން ބުންޏެވެ.