މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުންދާ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރުމާއި އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ މީރާގެ ޑިރެކްޓަރު ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު ޝަފްނީޒެވެ.
ދައުލަތުގެ މީޑީއާގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަފްނީޒް ވިދާޅުވި ގޮތުގައި، މީރާގެ ކުރިއަށް އޮތް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އިދާރާގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށެވެ.
”ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ޒިންމާއަކީ، ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދާއި މަސައްކަތް ވީހާވެސް ކުޑަކުރުން،“ ޝަފްނީޒް ވިދާޅުވިއެވެ.
މިހާރުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބެން ހުރި ކަމަށް ޝަފްނީޒް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މަޢުލޫމާތު ސާފުކުރުމާއި ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.
ނަމަވެސް، މިހާރުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އިތުރަށް ފުރިހަމަ އަދި ފަސޭހަ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީރާގެ އެތެރޭގެ މަސައްކަތްތައް (އިންޓަރނަލް ޕްރޮސެސްތައް) އޮޓަމޭޓްކޮށް، މަސައްކަތުގެ ހަރުދަނާކަން އިތުރުކުރުމަށްޓަކައި އައު ގޮތްތަކެއް ރޭވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޝަފްނީޒް ހާމަކުރެއްވިއެވެ.