ސަރުކާރުންގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި މިހާތަނަށް 640 މީހަކު ސޮއި ކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
އެފްޑީސީން “އެކްސް” ޕޯސްޓެއްގައި ހިއްސާ ކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، 667 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވެއެވެ. އެއާއެކު 640 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަންވެސް އެ ޕޯސްޓުގައި ވެއެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައެވެ. އެއާއެކު ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަކީވެސް އެކޯޕަރޭޝަންގެ އަމާޒެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވެއެވެ. ހަމައެއާއެކު، އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ.