މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 6،320 ޓީއީޔޫގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ކްލިއާކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ހިދުމަތް ބޭނުންކޮށްފައިވަނީ 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓެވެ.
ޖުލައި މަހުގެ ތެރޭގައި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ގޮތުގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 66،000 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، މީގެ އިތުރުން 49،000 ޕެކޭޖުގެ ފިޔާ، 30،000 ޕެކޭޖުގެ ކަރާ، 22،000 ޕެކޭޖުގެ އަލުވި އަދި 17،000 ޕެކޭޖުގެ ޓޮމާޓޯ ވެސް ކްލިއާކޮށްފައިވެއެވެ.
ހަމައެއާއެކު، 12،000 ޕެކޭޖުގެ އަލަނާސި، 11،000 ޕެކޭޖުގެ ކެބެޖް، 10،000 ޕެކޭޖުގެ ދޮންކެޔޮ، 4،000 ޕެކޭޖުގެ ބަރަބޯ އަދި 3،000 ޕެކޭޖުގެ ފޮނި ކެކުރި ވެސް ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދީފައިވެއެވެ.



