- Advertisement -spot_img

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީންވެސް ޝުޖާއު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވަކިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތަކަށް އައި ބަދަލުތައް ހާމަކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހަމަޖައްސަވާފައިވާ ކަމަށެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ޝުޖާއު ވަކިކޮށްފައިވާއިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ އޭނާ ވަނީ ވަކިކޮށްފަ އެވެ.

މަޖިލީހުގެ ދެ ކޮމިޓީއަކުން ޝުޖާއު ވަކިކުރީ އޭނާގެ ހިއްސާވާ ކުންފުނިތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް — އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއްގެ ބައިތަކެއް ”ހަސަން ކުރުސީ“ގެ ނަމުގައި ހިންގާ ސޯޝަލްމީޑިއާ އެކައުންޓްތަކުން އާންމުކޮށްފައި ވަނިކޮށެވެ.

އެ ރިޕޯޓްގައި ވަނީ ޝުޖާއު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތާ ދޭތެރޭ ސުވާލު އުފައްދާފަ އެވެ. އަދި އެގޮތަށް ހޯދާ ފައިސާގެ ތެރެއިން މަނީލޯންޑާ ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ޝުޖާއު ވަނީ އޭނާ ހިއްސާ އޮތް އެއްވެސް ކުންފުންޏަކުން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެއްވެސް ވިޔަފާރިއެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ރިޕޯޓް އާންމުކޮށްފައި ވަނިކޮށް އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އިސްމާއިލް ސާޖިދު އެ މަގާމަށް ވަނީ އައްޔަންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް