ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވަކިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމެޓީތަކަށް އައި ބަދަލުތައް ހާމަކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީގައި އިންނެވި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބަދަލުގައި ޝުޖާއު ހަމަޖައްސަވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޝުޖާއު އެ ކޮމިޓީން ވަކިކުރީ އޭނާގެ ހިއްސާވާ ކުންފުނިތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް — އެމްއެމްއޭގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއްގެ ބައިތަކެއް ”ހަސަން ކުރުސީ“ގެ ނަމުގައި ހިންގާ ސޯޝަލްމީޑިއާ އެކައުންޓްތަކުން އާންމުކޮށްފައި ވަނިކޮށެވެ.
އެ ރިޕޯޓްގައި ވަނީ ޝުޖާއު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތާ ދޭތެރޭ ސުވާލު އުފައްދާފަ އެވެ. އަދި އެގޮތަށް ހޯދާ ފައިސާގެ ތެރެއިން މަނީލޯންޑާ ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ޝުޖާއު ވަނީ އޭނާ ހިއްސާ އޮތް އެއްވެސް ކުންފުންޏަކުން ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެއްވެސް ވިޔަފާރިއެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.



