އއ. ފެރިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކުލާހަށް ބޭނުންވާ ބައެއް ތަކެތި ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުން ފޯރުކޮށްދީފިއެވެ.
އއ. ފެރިދޫގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ މި ޤުރުއާން ކުލާހުގައި ކިޔަވައިދޭން ފެށުމަށް ހަަމަޖެހިފައިވަނީ ވަޤުފް ފަންޑުން ފޯރުކޮށްދެވުނު ތަކެތި ހަރުކުރުމަށްފަހުގައެވެ. އެ ތަކެތި ހަރުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތް މިހާރު އެ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުން ޤުރުއާން ކުލާހަށް ތަކެތި ފޯރުކޮށްދީފައިވަނީ ޤުރުއާނުގެ ޢިލްމު ކުރިއަރުވައި ޤުރުއާން ކިޔެވުމަށް ކުދިންނަށް ފަހި މާހައުލެއް ފޯރުކޮށްދީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޤުރުއާނުގެ ޢިލްމު އުނގަންނައިދީ އަދި އުނގެނުމަށް ބާރު އެޅުމުގެ މަޤުސަދުގައެވެ. މީގެ އިތުރުން ކުދިންނަށް ޒަމާނީ މާޙައުލެއްގައި ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ވަޤުފު ފަންޑުގެ މަޤުސަދެކެވެ.
ރާއްޖޭގެ ދީނީ ކަންތައްތަކަށް އެހީވުމަށް އުފައްދާފައިވާ ދީނީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ދީނީ ހަރަކާތްތަކަށް އެހީތެރިވުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެއްކަން ފާހަގަކޮށްލެވެއެވެ.



