ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަގުސަދު އިމާރާތްކުރި ޖަސްޓިސް ބިލްޑިން ހުޅުވައިފިއެވެ.
ޖަސްޓިސް ބިލްޑިން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އިމާރާތް ހުޅުވައިދެއްވުމަށްފަހު އިމާރާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ. އަދި ޝަރުއީ ދާއިރާގެ ދިދަ ނަންގަވައިދެއްވީ ސްޕްރީމްކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތިން، ކޮވިޑް ފެސިލީޓީއެއްގެ ގޮތުގައި ކުރިން ހިންގި ތަނުގައި، ’ޖަސްޓިސް ބިލްޑިން އެނެކްސް’ގެ ނަމުގައި ހުޅުވި އެ އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީންނެވެ.
މި އައު އިމާރާތާއެކު ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ހުރިހާ ސެކްޝަނެއްގެ ހިންގުން އެއްކޮށް އާ އިމާރާތަށް ބަދަލުކުރެވޭނެއެވެ. އެ އިމާރާތުގައި ކްރިމިނަލް ކޯޓުގެ 11 ސެކްޝަން ހިންގަން ޖުމުލަ 10 ކޯޓު ރޫމު ހުންނާނެއެވެ. އަދި ޑްރަގް ކޯޓަށް ހާއްސަކޮށް 5 ކޯޓު ރޫމު ހުންނާނެއެވެ.
ކްރިމިނަލް ކޯޓު މިހާރު ހިނގަމުން އަންނަ، މާލޭ މާފަންނުގައި ހުންނަ އެސްޓީއޯގެ ކުރީގެ ދެ އިމާރާތް ވެސް ބާވެ ބޭނުންނުކުރެވޭވަރަށް ވަނީ ހަލާކުވެފައެވެ. ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް އަޑުއެހުންތައް ނުބޭއްވޭ ވަރަށް ކޯޓު ރޫމުތަކުގެ ތެރެއަށް ފެން ވަދެ، އިމާރާތުގެ ހުރި ގިނަ ސާމާނުތަކަށް ގެއްލުންލިބޭއިރު އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫންކަމަށް މީގެ ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އިމާރާތް ބޭނުންކުރުން ހުއްޓާލީ 2019 އިން ފެށިގެންނެވެ.
މިހާރު ކްރިމިނަލް ކޯޓު ހިންގަމުން ދަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގި އިމާރާތުގައި 5 ސެކްޝަން އަދި މާލޭގެ އިމާރާތުގެ ބައެއްގައި ބާކީ 6 ސެކްޝަންގައެވެ.