އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

އެފްއޭއެމްގެ ރައީސަކަށް ޓޮމް ހޮވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އިންތިހާބުކޮށްފި އެވެ.

މި މަގާމަށް ތާރިގު ހޮވީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ.

މާލޭގައި މީރުމާ ހޮޓެލްގައި ކުރިއަށް ގެންދިޔަ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ހޮވަން ވޯޓުލީ އާ އަސާސީ ގަވާއިދުގެ ދަށުންނެވެ.

އާ ގަވާއިދު ފާސްކުރީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ތާރިގާ ވާދަކުރަން އެއްވެސް ކެންޑިޑޭޓަކު ހުށަހަޅާފައި ނުވާތީ އޭނާ ރައީސް ކަމަށް އިންތިހާބުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 23 ކުލަބުގެ ފުރިހަމަ ތާއީދާއެކު އެވެ.

ތާރިގު ހުށަހެޅި ހިންގާ ކޮމިޓީއަށް ކޮންގްރެސް އިއްތިފާގުން ވަނީ ރުހުން ދީފަ އެވެ.

ތާރިގު ހުށަހެޅި އެކްސްކޯގައި ތިން ނައިބު ރައީސުން ހިމެނެ އެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބޯޑު މެންބަރު އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަލީ އިބްރާހީމްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ. ހުސައިން ޝާފިއު ވަނީ ކުރިންވެސް އެފްއޭއެމްގެ ނައިބު ރައީސް ކަން ކޮށްފަ އެވެ.

މީގެ އިތުރުން ހިންގާ ކޮމިޓީގައި ހިމެނޭ އެހެން ބޭފުޅުންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ އަހްމަދު އައްބާސް، ބީޖީ ސްޕޯޓްސް ކުލަބުގެ އަލީ ރިޒްވާން، އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ނާސިހު، ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އަދި ގައުމީ ޓީމަށް ކުޅުނު މުހައްމަދު އުމައިރު އެވެ. އަންހެން މެންބަރުންގެ ގޮތުގައި ހިމެނެނީ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާ އެވެ.

ގުޅުންހުރި ލިޔުންތައް