މިނިވަންކަން ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގަ އެންމެ ބޮޑު ޒިންމާއެއް އަދާކުރަންޖެހެނީ ދިވެހި ސިފައިންނާ ފުލުހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަދައްވަމުންނެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާއުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހެނީ ފުލުހުންނާއި ސިފައިން ކަމަށެވެ. ރާއްޖެއަކީ މިނިވަންކަމުގައި ފަހުރުވެރި، ދިގު މާޒީއެއް އޮތް ގައުމެއް ކަމަށާއި އެ މިނިވަންކަން ދިފާއުކުރުމުގައި ގައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ސިފައިންނާއި ފުލުހުން އަދާކުރަމުންދާ ހިދުމަތުގެ އަގު ވަޒަން ކުރައްވައި، އެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަދުގެ ސަރުކާރުން ކޮށްދޭންޖެހޭ ކޮންމެ ކަމެއް، ފަހުރުވެރިކަމާއެކު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި އަސްކަރީންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ. އަދި ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ޚިދުމަތުގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނަށްވެސް އެމަނިކުފާނު ވަނީ މެޑެލި ހަވާލުކޮށްދެއްވާފައެވެ.
ރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދެވި ރަސްމިއްޔާތު ނިންމާލުމުގެ ކުރިން، ސިފައިންނާއި ފުލުހުންގެ އަޒުމު އައުކުރުންވެސް އޮތެވެ.