މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ ކަމަށެވެ. އަދި މިލޮބުވެތި ވަޠަން މިނިވަންކަމާއި ބާއްޖަވެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދަށް ގިނަ ހަރަކާތްތައް ވަނީ ތާވަލުކޮށްފައެވެ. މި ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި އަދި ބޭރުގެ ޑިޕްލޮމޭޓުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސްކޫލް ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ރަސްމިއްޔާތަށް ވަޑައިގެންނެވި ފަރާތްތަކާ، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހުގެ ސަލާމް ކުރައްވާފައެވެ.
މިނިވަންދުވަހާ ގުޅުވައިގެން މިއަދު ހަވީރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސްކޫލް ކުދިންގެ ޘަޤާފީ އައިޓަމްތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.