އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސަލްޓަން ޕާކުގައި އަނބު ގަހެއް އިންދަވައިފިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

ރައީސްމި ޕްރޮގްރާމް އިޢުލާންކުރެއްވީ ”ކޮޕް28“ ގައެވެ. މިއީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމް ކަމަށްވާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595,000 ގަސް ވަނީ އިންދާފައެވެ.
އަދި މި ޕްރޮގްރާމުގެ ދަށުން 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.