އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ދިގު މުއްދަތުގެ ޕްލޭނަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު: ވަޒީރު ރާފިޢު

ކުޅިވަރު ގާނޫނަށް ދާދިފަހުން ގެނެވުނު އިސްލާހުތަކަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމާއި ކުޅިވަރުގެ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހެންވޭރު މީރުމާގައި ބޭއްވުނު ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ދުނިޔޭގެ ކުޅިވަރުގެ މައިދާން ބަދަލުވަމުންދާ ކަމަށާއި، ޓެކްނޮލޮޖީއާއި އާ ވަސީލަތްތައް ބޭނުންކުރަން ޖެހިފައިވާ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލައި، ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާސިލުވާނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކާ ގުޅިގެން ކުޅިވަރުގެ ގަވަނަންސް ރަނގަޅުކުރުމަށް ގާނޫނު އިސްލާހުކުރުމަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅިވަރުގެ ސިސްޓަމް ކާމިޔާބުކުރުމަށް ބޭނުންކުރާ ނިޒާމްތައް ދިރާސާކޮށް، ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާފިއު ވިދާޅުވިއެވެ. ކުޅިވަރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ހަރަދުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުޅިވަރު ފަންޑު މިހާރު އުފައްދާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މުޅި ރާއްޖެ ޝާމިލުވާނެ ނިޒާމަކަށް ކުޅިވަރު ބަދަލުކުރުމަށްޓަކައި ރީޖަނަލް އެސޯސިއޭޝަންތަކާއި އިންޓަރސްކޫލް ކުޅިވަރު އެސޯސިއޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކުޅިވަރުތަކުން ހޯދާފައިވާ ކާމިޔާބީތަކާއި މެޑަލްތަކުގެ ތަފްސީލު އާންމުކުރުމާއެކު، ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި 13 ބޭފުޅުންނަށް ހާއްސަ އެވޯޑު އަރުވާފައިވެއެވެ. އޭގެ ތެރޭގައި އަލްމަރުހޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަހީދުއްދީން، ޑރ. އާއިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސައިން ޝަރީފް، މުޙައްމަދު މަލީހް ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަހުމަދު މަހުލޫފް ހިމެނެއެވެ.

ކުޅިވަރުގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ އަންނާން އޮތް ޖީލުތަކަށް މުހިންމު ފިޔަވަޅެއް ކަމަށް ރާފިއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް