ސިއްޙީ ދައިރާގައި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާއިވާ ހ. ސެންޓާލަމް އަބްދުލްކަރީމް އާދަމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުންހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތަޢުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މި ގެއްލުނީ، އެ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖުރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަބްދުލްކަރީމް އާދަމް ލެހެއްޓެވުމަށް ވަނީ ދުޢާކުރައްވާފައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ އަބްދުލްކަރީމް އާދަމް އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައެވެ.
ސިއްޙީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަބްދުލްކަރީމް މުޅި ޖުމްލަ 47 އަހަރު ދިވެހި ދައުލަތަށް މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައިވެއެވެ. އަބްދުލްކަރީމްގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ސަރުކާރުން ވަނީ ދެއްވާފައެވެ.
އަބްދުލްކަރީމް މައްޗަށް ކުރެވޭ ކަށުނާމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.