ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ކަނޑައެޅުމަށްފަހު މިއަދު އިޢުލާންކޮށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ޕަބްލިކް ވާރކްސްގެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި ޔުނިޓްތައް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.
މި ރަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް ވަޒރުގެ އެކްސް ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް ވުޒާރާއިން ކުރަމުން އަންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



