ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުލަބު ވޯލްޑްކަޕް: ފަސޭހަކަމާއިއެކު ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފި

ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިޔުނިކް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ރެއާލް މެޑްރިޑް ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ނުވަ މިނެޓުތެރޭގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މިދެލަނޑަކީ ވެސް ރެއާލްގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި އެޓީމުން ކާމިޔާބުކުރި ދެލަނޑެވެ.

ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެތެރެއިން

އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ފަބިއަން ރުއިޒް ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ރައުލް އަސެންސިއޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ ފޯވާޑް އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އޭގެ ތިން މިނެޓުފަހުން ޕީއެސްޖީގެ ދެވަނަ ލަނޑު ޑެމްބެލޭ ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެތެރެއިން

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޮސް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިއީ މިމުބާރާތުގައި 4-0 ގެ ނަތީޖާއަކުން މޮޅުވި ތިންވަނަ މެޗެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަތުން 4-0 ގެ ނަަތީޖާއަކުން ޕީއެސްޖީ މޮޅުވިއިރު، ދެވަނަ ބުރުގައި އެޓީމުން ވަނީ އެމެރިކާގެ އިންޓަ މިއާމީ ވެސް 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހު ޕީއެސްޖީ އިން ނުކުންނާނީ ޗެލްސީ އާއި ދެކޮޅަށެވެ. ޗެލްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 2-0 ގެ ނަތީޖާއަކުން ބްރެޒިލްގެ ފުލޫމިނެންސް ބަލިކުރުމަށްފަހުއެވެ.

ގުޅުންހުރި ލިޔުންތައް