އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗު)ގެ އައިނު ފިހާރަ މި މަހު ހުޅުވަން ތައްޔާރުވެއްޖެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް ވިދާޅުވީ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.
”އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާފައި ހިދުމަތް ފޯރުކޮށްދޭން ފަށާނަން،“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް މި ހިދުމަތް ފަށަން ނިންމައިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން އައިނުގެ ވިޔަފާރި ފަށަން ނިންމިއިރު، ނަންބަރު އައިނު ހެދުމަށް އާސަންދައިން 2000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.



