އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު އާންމުކުރާގޮތަށް ނިންމާފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވެފައިވަނީ މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ކައުންސިލުތައް ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގުޑް ގަވަރނެންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދޭނެ ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ގުޑް ގަވަރނެންސް އަދި ޓްރާންސްޕޭރެންސީ ކަށަވަރުކޮށް ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ، އަދި އެހައިމެ ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ.



