ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުލަބު ވޯލްޑްކަޕް: އަލް ހިލާލް ބަލިކޮށް ބްރެޒިލްގެ ފުލޫމިނެންސް ސެމީފައިނަލަށް

ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ސައުދީގެ އަލް ހިލާލް ބަލިކޮށް ބްރެޒިލްގެ ފުލޫމިނެންސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުލޫމިނެންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ޔުއެފާ ޗެންޕިއަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އަލް ހިލާލް ކުއާޓާ ފައިނަލުން ޖާގަހޯދީ އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ 4-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ފުލޫމިނެންސް އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލޫމިނެންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާޓިނެއްލީ އެވެ.

އަލް ހިލާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މާކޯސް ލިއޮނާލްޑޯ އެވެ. މިއީ މިމުބާރާތުގައި ކުޅުނު ފަސް މެޗުގައި އުމުރުން 22 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

ފުލޫމިނެންސް އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން

ފުލޫމިނެންސް ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހާކިއުލެސް އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ފުލޫމިނެންސް ކުރީގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް