ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ލ. ގަމުގައި ފެސްޓިވަލެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. ގަމުގައި ”ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް“ ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ، އިއްޔެ ހަވީރު 3 އިން 6:30 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މި ފެސްޓިވަލްގައި ބަހައްޓާފައިވާ ސްޓޯލްތައް ބައްލަވާލެއްވުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބުރާހިމް ޒިޔާރަތް ކުރެއްވިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ލ. ގަމުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

އެގޮތުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، ލ. އަތޮޅަކީ ޤުދުރަތީ ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އަތޮޅަކަށްވާތީ، މިއަހަރު ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް އެ އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގަވެސް ވީހާވެސް ބޮޑަށް ތިމާވެށީގެ ހަރަކާތްތައް އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

ލ. ގަމުގައި މިބޭއްވި ފެސްޓިވަލްގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ބައިވެރިވިކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ލ. ގަމުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

އެގޮތުން އިއްޔެ ހެނދުނު ވަނީ ރަށު ތެރެ ސާފުކުރުމުގެ ގޮތުން ލ. ގަމުގެ ބޮޑަމަގަ ބީޗްގައި ”ވޭސްޓް ޓު އާޓް“ގެ ނަމުގައި ސާފުކުރުމުގެ ޙަރަކާތެއްވެސް ބާއްވާފައެވެ. މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ފާއިޒެވެ. އަދި މި ޙަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ ބައިވެރިން ވަނީ އެސަރަޙައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައެވެ. މި ޙަރަކާތުގެ މަޤްޞަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުމެވެ.

މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

”ވޭސްޓް ޓު އާޓް“ ޙަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި، ޕްލާސްޓިކުން ތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ފުޅާ ކެމްޕޭނުގެ ބައެކެވެ.

”އަވަރ ޕްލެނެޓް އެކްޝަން މަންތު“ ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް