ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިންނާއި ޓީޗަރު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، އެ މަގުން ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސައިކަލުގައި ތިބީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރެކެވެ. ސައިކަލުން ޖެހިފައި ވަނީ ކަސްރަތަށް ހިނގަން ނިކުމެ އުޅުނު އެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އެންމެންނަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.
ނަމަވެސް ޕްރިންސިޕަލް ފިޔަވައި، ދެން ތިބި ތިން މީހުންނަށް މިވަގުތު ފަރުވާދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ.