އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ރ.އަތޮޅު ކައުންސިލުން އިންތިޒާމުކުރި ހޭންޑްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ދުވާފަރު ހޯދައިފި

ރ.އަތޮޅު ކައުންސިލް ހޭންޑްބޯޅަ މުބާރާތް (އަރުތަ ހޭންޑްބޯޅަ 2025) ގެ ފައިނަލް މެޗުގައި 15-21 އިން މަޑުއްވަރި ބަލިކޮށް ދުވާފަރު ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް ދުވާފަރު ދަތުރުކުރީ ސެމީ ފައިނަލްގައި 10-14 ގެ ނަތީޖާއަކުން އިނގުރައިދޫ ބަލިކުރުމަށްފަހުއެވެ. އަދި މަޑުއްވަރި ޓީމު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި އަނގޮޅިތީމު ބަލިކުރުމަށްފަހުއެވެ.

މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ހާފު ނިމުނީ 6-5 ގެ ނަތީޖާއަކުން މަޑުއްވަރީ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ދުވާފަރުން ވަނީ ތަފާތު މޮޅުކުޅުމެއް ދައްކާ ލީޑު ނަގާފައެވެ. އެގޮތުން މެޗު ނިމުނީ 15-21 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ.

މުޅި މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަށް ދުވާފަރު ޓީމުގެ ޖާޒީ ނަމްބަރ 11 އީނާ އަޙްމަދު ހޮވުނުއިރު، ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗް ހޯދީ ދުވާފަރު ޓީމުގެ ޖާޒީ ނަންބަރު 19 މަލާޒާ މުހައްމަދު އެވެ.

މުޅި މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަށް ހޮވުނު ދުވާފަރު ޓީމުގެ ޖާޒީ ނަމްބަރ 11 އީނާ އަޙްމަދު

ދުވާފަރު މި މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. 

ރ.އަތޮޅު ކައުންސިލް އިންތިޒާމުކޮށް ރ. ހުޅުދުއްފާރުގައި ކުރިއަށްދިޔަ މި މުބާރާތުގައި މިއަހަރު ޖުމްލަ 8 ޓީމަކުން ބައިވެރިވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއީ މިމުބާރާތް ބާއްވާ 3 ވަނަ އަހަރަށް ވީއިރު، ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައިވެސް ދުވާފަރުގެ ޓީމުން ވަނީ ކުޅެފައެވެ. މީގެ ކުރިން ބޭއްވުނު 2 މުބާރާތް ކާމިޔާބުކޮށްފައިވަނީ އަނގޮޅިތީމާއި ކިނޮޅޮސް އެވެ.

ގުޅުންހުރި ލިޔުންތައް