- Advertisement -spot_img

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ހުރިހާ ޤައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ: ރައީސް

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސްތުތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަކުރަމުންދާއިރު، މިމައްސަލަ ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް ހުރިހާ ޤައުމުތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުޅަހެޔޮ އަދި ރައްކާތެރި މުޖްތަމަޢުއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާނެކަމަށެވެ.

އަދި، މަސްތުވާތެކެތީގެ މައްސަލައަށް ދާއީމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް