ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކާ ބައްދަލުކުރައްވައިފި

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ) ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ކުރިއަށްދާ މާލީ އެއްބާރުލުމާއި ކުރިމަގުގެ އެހީތެރިކަމާ ބެހޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިހާރު ބެއިޖިންގގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ބޯޑު އޮފް ގަވަރނަރުންގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

ދިވެހި ސަރުކާރަށް ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ދެމުންގެންދާ ދެމެހެއްޓެނިވި އެހީތެރިކަމަށްޓަކައި ވަޒީރު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ ކުރިއެރުމާމެދު މަޝްވަރާކުރުމަށާއި، ދިވެހިރާއްޖެއާއި ސީ.ޑީ.ބީއާ ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.

ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއެކު އޮތް ބިނާކުރަނިވި ޕާޓްނަރޝިޕްއާއި މުހިންމު މާލީ އިންތިޒާމުތައް ފަހިކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރަށް ދިވެހި ސަރުކާރުގެ ނަމުގައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސީ.ޑީ.ބީ.ގެ ފައިނޭންސިންގއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ތަންފީޒުކުރުމަށް، ޚާއްޞަކޮށް ބޯހިޔާވަހިކަން އަދި އިންފްރާސްޓްރަކްޗަރ ފަދަ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ދާއިރާތަކަށް ލިބޭ އަގުހުރި އެހީތެރިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރާއެކު ދިވެހި ވަފުދުގައި ހިމެނިވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޟީލް ނަޖީބު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާޢިދު މުޞްޠަފާ، ސެކަންޑް ސެކްރެޓަރީ ޢަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު އަދި ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްއެވެ.

ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ތަމްސީލުކުރެއްވީ އިންޓަރނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަން، ސެކަންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ ލީ ޔުންޒީ، އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ޖިއާންގ ކެޓާއޯ، އަދި އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ސެކަންޑް ކްރެޑިޓް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ހޯ މެންގްރުއިއެވެ.

ގުޅުންހުރި ލިޔުންތައް