އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އުވާލައި، ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު އާއި، ޑިމޮކްރެޓްސްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރު އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އަލުން ގުޅުމަށް ގަރާރެއް ފާސްކޮށްފިއެވެ.
އެގޮތުން މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެ ސަބަބާ ގުޅިގެން، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލު ކުރުމަށް އިދިކޮޅު އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް މިއަދު ހުށަހަޅައި ފާސްކުރި ގަރާރުގައި ބަޔާން ކޮށްފައިވެއެވެ.
އެމްޑީޕީއާ އަލުން ގުޅެން ނިންމެވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އެ ގަރާރު ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދުއެވެ.
ޑިމޮކްރެޓްސްއިން މި ގަރާރު މިއަދު ފާސްކުރީ އެ ޕާޓީގެ ގިނަ ބައެއްގެ ތާއީދާއެކު އެވެ. ނަމަވެސް އެ ގަރާރު ފާސްކުރުމާ ގުޅިގެން ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
އެންމެ ފަހުން އެމްޑީޕީ ވެރިކަމުގައި އޮތްއިރު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު، ރައީސް ނަޝީދާއި އީވާ ހިމެނޭހެން ގިނަ މެންބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް މި އަހަރު ތެރޭގައި ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އަލުން އެމްޑީޕީއާ ގުޅި، މިއަދު މިވަނީ ޑިމޮކްރެޓްސް އުވާލަން ނިންމާފައެވެ.