2028 ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަކީ ޤައުމުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމަށް ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުނެވެ.
މިހާރު ރިޔާސީ ދައުރު އޮތް ގޮތުން، ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ޕްލޭންތައް ހަދައި، އިތުރަށް ފައިސާ ހޯދައި ނިމޭއިރު ދައުރެއްގައި ބާކީ އޮންނަނީ ތިން އަހަރު ކަމަށެވެ. އަދި ފައިސާ ހޯދުމަށްފަހު މަސައްކަތް ކުރަން ލިބެނީ ދޮޅު އަހަރެއް ނުވަތަ ދެ އަހަރާއި ބައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މިހެންވުމުގެ ސަބަބުން، ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ދައުރެއް ތެރޭ ރައީސަކަށް ނުކުރެވޭ. އެހެންވީމާ، 2028 ގައި އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދޭން ޖެހޭ. އެއީ ޤައުމުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް،“ މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ މުހިންމުކަން ވެސް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ އިންތިޚާބުން ޕީއެންސީއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަކީ މި ސަރުކާރާއި ރައީސް މުޢިއްޒަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކަމަށެވެ.