ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ހަދަމުންދިޔަ ކޮންޓެކްޓް ޓްރޭސިންގް މިހާރު ހަދާ ނިމިއްޖެ ކަމަށާއި އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ރާއްޖެއިން މިބަލީގެ ކޭސްއެއް ފެނިއްޖެކަން ހާމަ ކުރަމުން އެޗްޕީއޭއިން މި މަހުގެ 7 ވަނަ ދުވަހު ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ބަލި ރާއްޖެއިން ފެނިފައިވަނީ އެހެން ޤައުމަކުން އައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިންނެވެ. އޭނާ މިހާރު ވަނީ ނިޔާވެފައެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގް މިހާރު ނިމިފައިވާ ކަމަށާއި ޓްރޭސިންގް ހެދި އެއްވެސް ފަރާތަކުން މި ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ބަލީގެ އިތުރު ކޭސްއެއް ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސީރިއާ މެނިންގްޓައިޑިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް، މިބަލި ޖެހިއްޖެނަމަ މި ބަލީގައި ބޮޑުވަރުވާލެއް ވެސް ވަރަށް އަވަހެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން، ކަނދުރާއަށް ވާންވުން، ބޯ އެނބުރުމާއި ހޮޑުލެވުން، ފޮޓޯފޯބިއާ އަދި ނަފްސާނީ ހާލަތަށް ބަދަލު އައުން (އޮޅުން) ހިމެނޭ ކަމަށާއި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވާ ކަމުގައި ވެސް އެޗްޕީއޭއިން ބުންޏެވެ.