އެއްވެސް ޤައުމަކަށް މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ އެކަނި ކުރިމަތިނުލެވޭނެ ކަމަށާ ހުރިހާ ގައުމަކުންވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާ އެއީ ކުރިއަށް ދެވޭނެ ހަމައެކަނި މަގު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޔޫ.އެން.އޯ.ސީ 3 ގެ އޯޝަން އެކްޝަން ޕެނަލް 8 ގައި ވާހަކަދައްކަވަމުން އެއްބާރުލުން ދިނުމާއި އެހީތެރިވުމާ ބެހޭގޮތުން އަމްޒަތުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
އަމްޒަތު އަޙްމަދު ވަނީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ޒިންމާދާރުކަން ހިއްސާކުރުމުގެ މައްޗަށް ބިނާކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އޭނާ ވަނީ އައި.އޯ.ޓީ.ސީ އާއި، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕް އަދި އެހެނިހެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ފާހަގަކުރައްވާފައެވެ. ދުނިޔޭގެ މަސްވެރިކަމާއި ތިމާވެށި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ދިވެހިރާއްޖެ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ.
އަދި ޔޫ.އެން.އެފް.ސީ.ސީ.ސީ، ކުންމިންގ މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ޕްރޮޓޮކޯލް، އަދި ސައިޓިސް އާ ގުޅޭގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ޙަރަކާތްތެރި ދައުރުވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުން ކުރިއެރުވުމުން ފެށިގެން ބީ.ބީ.އެން.ޖޭ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ހަމަހަމަކަމަށް ވަކާލާތުކުރުމާ ހަމައަށް، ދިވެހިރާއްޖެއިން ޙަޤީޤީ އެއްބާރުލުމަކަށް ގޮވާލާ ކަމަށް އަމްޒަތު ވިދާޅުވި އެވެ. އެއީ ކުދި މިނުގެ މަސްވެރިކަމަށް އިސްކަންދެވި، އަދި ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތައް ހަމައެކަނި ސްޓޭކްހޯލްޑަރުންގެ ގޮތުގައި ނޫން ކަމަށް ވިދާޅުވި އެވެ. އަދި ކަނޑާ ގުޅޭ ޙައްލުތައް އުފެއްދުމުގައި ބާނީންގެ ގޮތުގައި ދެކެވޭ އެއްބާރުލުމެއްކަމަށްވެސް ވިދާޅުވިއެވެ.
ޑރ. އަމްޒަތު ވިދާޅުވީ މިއީ އެހެންބައެއްގެ ހަނގުރާމައެއް ނޫން ކަމަށާ މިއީ އަހަރެމެން އެންމެންގެ ހަނގުރާމައެއް ކަމަށް ވިދާޅުވި އެވެ އަދި ދިވެހިރާއްޖެ އޮތީ އޭގެ ދައުރު އަދާކުރުމަށް ތައްޔާރަށް ކަމަށް އަމްޒަތު ވިދާޅުވިއެވެ.