ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވެ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުންނެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުން އެ މަގާމަށް12 ބޭފުޅުން ކުރިމަތިލިއިރު، ޖޭއެސްސީއިން ނިންމާފައިވަނީ އެ މަގާމަށް ހަމީދާއި ސަލީމް އައްޔަން ކުރުމަށެވެ. ޖޭއެސްސީން ނިންމި ގޮތަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް ތާއީދުކޮށްފައިވެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ، ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމެވެ. މަޖިލީހުގައި ނެގި ވޯޓުގައި ހަމީދަށް ރުހުން ލިބުނީ 60 މެންބަރުންގެ ތާއީދާއެކު އެވެ. ސަލީމަށް ލިބުނީ، 61 މެންބަރަކު ރުހުން ދިނެވެ.