ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އަޅުގަނޑުމެންނާއެކު ކުރައްވާފައިވާ ލޮބުވެތި އަޚެއްކަމަށެވެ. އަދި އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށް ވަނީ އެމަނިކުފާނުގެ ޕޯސްޓްގއި ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށިކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ. މެންބަރު އަޙްމަދު ރަޝީދުގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ މެންބަރު އަޙްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްޞީލުކުރެއްވި މެންބަރެވެ.