ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސްގެ ހާއްސަ ”ސަމާ ސޭލް“ ކެމްޕެއިން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް އިއުލާންކޮށްފައިވާ މި ޕާޓްނަޝިޕްގެ މަގްސަދަކީ ރާއްޖޭގެ ގުދުތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރުދިނުން ކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ.
ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރުގެ ހައިސިއްޔަތުން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި އެމްބެސެޑަރަކަށް ހޮވުމަކީ އޭނާ ލިބުނު ޝަރަފެއްކަމަށް ބުނެފައެވެ. އަދި މި ޕާޓްނަޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ކެޓްރީނާ ބުންޏެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރާ ވިދާޅުވީ، މި މަޤާމަށް ކެޓްރީނާ ފަދަ ނުފޫޒު ގަދަ މީހަކު ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔާފައެވެ.
”ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެން ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާ އަކީ ފާއިތުވި 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވޭ އަދި ނަމޫނާ އެމްބެސެޑަރެއްކަން ޔަޤީން“ ޝިއުރީ ވިދާޅުވިއެވެ.
ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓުތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ލިބިގެންދާނެކަން އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އިނގިރޭސިވިލާތް، ރަޝިޔާ އަދި ސީއައިއެސް، ޑީއޭސީއެޗް، ސަރަހައްދު، އިޓަލީ ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި މި ކެމްޕޭން ކުރިއަށްދާނެއެވެ.