ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދު އަހްމަދަކީ ހުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަރީދު އަވަހާރަވުމާއި ގުޅިގެން ރައީސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފަރީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ މަރްހޫމް އިބްރާހީމް ފަރީދަކީ ހުލްގު ހެޔޮ، އަޅުވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް“ ރައީސް ވިދާޅުވިއެވެ.
”ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާށި. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި“ ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ޝައިޚް ފަރީދު އަވަހާރަވީ ހިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މީގެކުޑަވަގުތުކޮޅެއް ކުރިން މެލޭޝިޔާގެ އެއާޕޯޓަށް ވަޑައިގަތްފަހުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފަރީދަކީ އިސްލާމްދީނާއި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ އިލްމުވެރިއެކެވެ.