ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގައި، މުހިންމު ކަމެއްގެ ގޮތުގައި ހަނދާންކުރަންޖެހެނީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެއީ އާންމު ސިއްހަތާއި އިޤްތިސާދީ ދެމިހުރުމުގެ އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް“ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ޝިއާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ. އަދި އަހަރެމެން ކާން ބޭނުންކުރާ ތަކެތި ރައްކާތެރި، ފައިދާހުރި އަދި އިތުބާރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އެމަނިކުފާނު ވަނީ މީގެ އެއްއަހަރު ކުރިން ތަސްދީގުކުރައްވާފައެވެ.
މިއީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުން ނުވާފަދަ ތަކެތިކަން ކަށަވަރުކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.