މިއަދުގެ ހުކުރު ޚުތުބާގެ މަޢުލޫއަކީ ”އެކަކު އަނެކަކަށް އެހީތެރިވުން“ އެވެ.
އެގޮތުން މިއަދުގެ ޚުޠުބާ ފަށަމުން މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ވަނީ މީސްތަކުންނަށް ހަނދާންކޮށްދީފައެވެ. އަދި އިންސާނާ ދުނިޔޭގައި އުޅެނީ އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށްކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމަށާއި އަޅާލުން ބޭނުންވާނެ މީހުންކަމަށާއި، އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުތަކުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެއީ ވާޖިބެއްކަމަށް ވަނީ ބުނެފައެވެ.
މިކަމަށް ބާރުއަޅައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމުގައްޔާއި، ރަޙުމްކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެކެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭންއަޅައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި ހުންއައުމުން އެގުނަވަނާއި ބައިވެރިވެއެވެ.“
އެހެންކަމުން އިސްލާމީ މުޖުތަމަޢުގައި، އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ބަޔަކު ދިރިއުޅެމުން ދާކަން ދަނެ، އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވާން ޖެހެއެވެ. އަދި އެހީތެރިކަމުގެ އަތް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލާންޖެހެއެވެ. މީގެ ތެރޭގައި އަހަރެމެންގެ ތެރޭގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލެސީމިއާ ކުދިންނާއި، ޔަތީމުކުދިންނާއި، އަޅާލާނެ ބަޔަކުނެތް ކުދިންނަށް އޯގާތެރިކޮށް ހިތަންޖެހޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. މީގެތެރޭގައި އެކުދީންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވުން މުހިންމެވެ.
ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށގަނޑުގައި ހިމެނޭ، އެއާއި ވަކި ނުކުރެވޭނެ ގުނަވަނެކެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި، މި ގުނަވަންތައްވެސް ޙިއްސާ ވާންޖެހެއެވެ. މިއީ، މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާކަމެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލާ އެހީތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއްކަމަށް މިއަދުގެ ޚުޠުބާއި ވަނީ ބުނެފައެވެ.
މާތްﷲ އަހަރެމެން އެންމެން އުފައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާ، އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތްކޮށް އިޖުތިމާޢީ ދިރިއުޅުމެއް އުޅެވޭ ގޮތަށެވެ. އެގޮތުން އެކަލާނގެ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”މުއުމިނުން ވާކަން ކަށަވަރީ، އަޚުންތަކެއްކަމުގައެވެ. ފަހެ، ތިޔަބައި މީހުންގެ ދެ އަޚުން ދެމެދު ތިޔަބައި މީހުން ސުލްޙަކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އެއީ ތިޔަބައި މީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.“
މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢުއެއް ބިނާކުރެވޭނީ، އެމުޖުތަމައެއްގެ އަފުރާދުން، އެކަކު އަނެކަކާއި އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންނެވެ. އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެވެ. އެއީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ. ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިޙްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފްސަށްވުރެ އަނެކާއަށް އިސްކަންދިނުމާއި، މަޢާފްކުރުންފަދަ ރިވެތި އަޚްލާޤީ ސިފަތައް އަށައިގަނެއެވެ.