މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ، މިވަގުތު މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތައަށް ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށެވެ.
އަދި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭ އިންޖީނުތައް ހިންގުމަށްފަހު، ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކޭބަލްތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސްޓްލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ، 132 ނެޓްވޯކް އެނަޖައިޒް ކުރުމުގެ މަސައްކަތް އިންޖިނިއަރުން ފަށައިގެން ކުރިއަށް އެބަ ގެންދާ ކަމަށާއި، ކުރިއަށް އޮތް 45 މިނެޓު ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އަދި އިރުއޮއްސުމުގެ ކުރިން ކަރަންޓު އެއްކޮށް ރީސްޓޯ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
”މިވަގުތު ހުޅުމާލޭގެ ފޭސް އެކެއްގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓު ލިބޭނެ. ފޭސް ދޭއްގެ ހިޔާ ޓަވަރު 1 އިން 8 އާ ދެމެދު އަދި ވިނަރެސްގެ ޓަވަރުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ޚިދުމަތް ދެވިއްޖެ.“ ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުމާއެކު، ވީހާވެސް އަވަހަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތްކުރި ކަމަށާއި، އެގޮތުން ހުޅުމާލޭގައި މިވަގުތު ހިންގެން ހުރި ހުރިހާ އިންޖީނުތަކާއި، މާލޭގައި މެއިންޓެނަންސްގައި ހުރި އިންޖީނުތައް ފިޔަވައި އެހެން އިންޖީނުތައް ހިންގައިގެން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ ބޮޑު މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށާއި، މައްސަލައިގެ އިތުރު ތަފްސީލުތައް ބަލަމުންދާ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.