- Advertisement -spot_img

އަހަރުތެރޭގައި އަންނަ އެންމެ މާތް ދުވަހަކީ އަރަފާތް ދުވަސް: ޚުޠުބާ

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކަށް ކަނޑައަޅާފައިވަނީ ”އަރަފާތް ދުވަހުގެ މަތްކަން“ އެވެ.

ޚުތުބާގައި ބުނެފައިވަނީ އަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރުކަމަށާއި އެ ދުވަހު ދައްކައިދެނީ ތަފާތު ހިސާބުތަކުން މުސްލިމުން އެއްތާކަށް އެއްވާ ތަންކަމަށެވެ. އަދި އެބައިމީހުން ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ މުސްލިމުން އަރަފާތު ބިމުގައި ތިބޭ މަންޒަރަކީ ޝައުގުވެރިކަމާއެކު މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެއްކަމަށާއި އަދި އެއީ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެއްކަމަށެވެ.

”މައްކާގެ ބިމުގައި މާތް ﷲ ލައްވާފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެވެ. އެކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓާށެވެ. އަދި ވަކިވެނުގަންނާށެވެ.“

މާތް ﷲގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމް ކަމެއްކަން ދޭހަވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ވަކިވެނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތިކަމަކަށް ވާތީކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މާތް ނަބިއްޔާ ﷺގެ އަސްހާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި އަދި އެބޭކަލުންގެ ޝިއާރެއްގެ ގޮތުގައި (لا إله إلا الله محمد رسول الله) މި ކަލިމަ ހިއްޕަވައިގެން، އެއް ލަނޑުދަނޑިއަކަށް އަޒުމް ހިއްޕަވައިގެންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ އަމާޒަކީ މި ކަލިމަފުޅު މަތިވެރިކުރެއްވުމާއި. މާތް ﷲއަށް އިހްލާސްތެރިވެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ގުރުބާންވުމާއި ތަގުވާގެ މަގުގައި ހިންގެވުންކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ހައްޖު ދުވަހަކީ އަހަރުތެރޭގައިވާ އެންމެ މާތް ދުވަސްކަމަށާއި އެ ދުވަހަކީ އަރަފާތު ދުވަސްކަމަށެވެ. އަދި އެއީ ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސްކަމަށާއި އަރަފާތު ބިމުގައި ހައްޖުވެރިން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަސްކަމަށްވެސް ބުނެފައިވެއެވެ.

އަދި އަރަފާތު ދުވަހު ހައްޖުވެރިން ނޫން މީހުން ރޯދަ ހިފުމަކީ މުސްތަހައްބު ކަމެއްކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަރަފާތު ދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލުކުރެއްވުމުން މާތް ނަބިއްޔާ ﷺ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ: ”(އެދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެފިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.“

މާތް ނަބިއްޔާ ﷺ ހަދީޘްކުރެއްވި އިތުރު ބަސްފުޅެއްގެ މާނާގައިވެއެވެ. ”އަރަފާތު ދުވަހައްވުރެން ގިނައިން މާތް ﷲ ތައާލާ އެކަލާންގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ“

އެހެންވެ އެ ދުވަހު އެ ޖަމާއަތުގައި ބައިވެރި ނުވެވޭ މީހުންވެސް އެ ދުވަހު ގިނަގިނައިން ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫންވެސް ހެޔޮ އަމަލު ގިނަކުރަން ޖެހޭކަން ފާހަގަކޯށް ޚުތުބާގައި ވަނީ އެ ދުވަހު އެތަނުގައި ކުރުމުގެ ނަސީބު ދެއްވައިތޯވެސް ދުޢާކުރާށުމަށް ނަސޭހަތްތެރިވެފައެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ކާފިރުން ނާއުންމީދު ވެއްޖެއެވެ. ފަހެ އެއުރެން ދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ތިމަން ރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިއުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ.“

ޚުތުބާގައި ބުނެފައިވަނީ އިސްވެދިޔަ އާޔަތުން އެނގޭގޮތުގައި އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް ﷲ އެކަލާނގެ ދީން ފުރިހަމަކޮށްދެއްވި ދުވަސްކަމަށެވެ.

”އަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. ހައްޖުވެރީން އަރަފާތުގައި ތިބޭއިރު މާތް ﷲ ފަހުރުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާތްކަތުންނަށް އަންގަވައި ވަހީކުރައްވާނެއެވެ. ”ތިމަންރަސްކަލާނގެ އަޅުތަކުން ނިކަން ދެކިބަލާށެވެ. ތިމަން ރަސްކަލާނގެ އަޅުތަކުން ތިމަންރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުމަށް އެދި އައސް އެތިބީ ބޯ ހޭވި ހިރަފުހާއ ތަތްތެޅިގެ ދުރު ހިސާބުތަކުންނެވެ. ތިޔަ މަލާއިކަތުން ހެކިކުރައްވައި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައިފީމެވެ.“ ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ.

މީގެއިތުރުން ހައްޖުވެރިންނަށް އެ މާތްކަން މާތް ﷲ ދެއްވާފައިވާއިރު އެ ޖަމާއަތުގައި ބައިވެރިނުވެވި ރަށުގައި ތިބޭ މީހުންނަށްވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ހުރިކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އޭގެ ތެރޭގައި ރޯދަ ހިފުމާއި ޒިކުރު ކުރުމާއި ދުއާކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލުތައް ކުރުން ހިމެނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް