ޖޫން 1 އިން ފެށިގެން އައިނު އާސަންދައިގެ ދަށުން ހެއްދުމަށް 2000ރ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން މިގޮތަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާގެ އެކިކަންކަމުން ސަލާމަތް ކުރެވޭ އާމްދަނީން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމަށް ހޭދަކުރައްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން މީގެތެރެއިން އަންނަ ޖޫން މަހުގެ 1 އިން ފެށިގެން އައިނު ހެއްދުމަށް 2000ރ ދެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
”ރިޔާސީ އިންތިޚާބުގައި ވީވަޢުދެއް ދެއަހަރުން އެއްއަހަރު މިދެނީ އައިނު ހެދުމަށްޓަކައި 1000 ރ ޑަބަލްކޮށްދޭނަމޭ. އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި ކަމާބެހޭ ފަރާތްތަކަށް މިއަދުވަނީ ސިޓީ ފޮނުވާފައި. ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކައި ދޭ 1000ރ 2000ރ ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭކަމެއް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙި ދާއިރާގައި ޚާއްސަ ދާއިރާތަކުން މީހުން ލިބުމުގައި ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި ޕޭގްރޭޑަށް ގެންނަން ޖެހޭ ބަދަލުތައް ވަގުތީގޮތުން މަތިކޮށްގެންވިޔަސް ރާއްޖެއަށް ބޭނުންވާ އެކިދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުން ގެންނާނެކަމަށް ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިމަތިވާ ގޮންޖެހުމަކަށް ފަހަތަށް ނުޖެހި މިމުހިންމު ދާއިރާ ތަރައްޤީކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.