ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ދުވާފަރު ދަނޑެހެލު ކަޕްގައި ބައިވެރުވުމަށް ހުޅުވާލައިފި

ރ.ދުވާފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ”ދުވާފަރު ދަނޑަހެލު ކަޕް 2025“ ގައި ބައިވެރިވުމަށް އެ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދުވާފަރުގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު ފަސް ކުޅުންތެރިން ޓީމު ލިސްޓުގައި ހިމެނޭނެއެވެ. އެހެންނަމަވެސް މި ފަސްކުޅުންތެރިންގެ ތެރެއިން އެއްފަހަރާ ކުޅެވޭނީ ތިން ކުޅުންތެރިންނަށެވެ.

ޗެންޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ މިމުބާރާތަކީ ރ.އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.

2024 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދުވާފަރު ދަންޑެހެލު ފުޓްބޯޅަ މުބާރާތުގެ ތެރެއިން | ފޮޓޯ: ދުވާފަރު ކައުންސިލް

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މި މުބާރާތް ބާއްވާފައިވާއިރު، މިއީ މި މުބާރާތް ބާއްވާ ފަސް ވަނަ ފަހައެވެ. މި މުބާރާތަކީ ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވާ ފޯރިގަދަ މުބާރާތެކެވެ.

ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑާކް ޕާކް ސްޕޯޓްސް ކުލަބެއެވެ. އަދި މުބާރާތުގެ ރަނަރަޕް ކަން ހޯދާފައިވަނީ އިލެވެން އެޓޭކްއެވެ.

މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާއި ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި، ދުވާފަރުގެ ކުޅުންތެރިންނަށް ފޯރިގަދަ ވާދަވެރި މުބާރާތެއް ބޭއްވުމުގެ މަގްސަދުގައި އެ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ދުވާފަރަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް އުޅެމުން އަންނަ ރަށެކެވެ. މީގެ ތެރެއިންވެސް ފުޓުބޯޅަ ކުޅޭ ޒުވާނުން އެރަށުގައި ވަރަށް ގިނައެވެ. އަދި ދުވާފަރުގެ ބައެއް ކުޅުންތެރިންނަކީ ރާއްޖޭގެ ނިސްބަތުން މޮޅު އަދި ނަން ހިނގާ މަޝްހޫރު ކުޅުންތެރިންނެވެ. ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ދުވާފަރުގެ ޓީމުން ވަނީ އުންމީދީ މޮޅު ކުޅުމެއްދައްކައި ރަނގަޅު ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް