- Advertisement -spot_img

ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އަލުން އިސްލާހުކޮށްފައިވާ ހުޅުމާލެ މާސްޓަޕްލޭން އިފްތިތާހުކޮށްފި އެވެ.

މިއަދު ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރުޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މަޝްރޫއަކީ އީކޯ ފްރެންޑްލީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ސިޓީއެއް އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހުޅުމާލެ މޮޑެލް ސިޓީއަކަށް ވާން ނިންމާފައިވާއިރު، އެ ސިޓީގެ އާ މާސްޓާ ޕްލޭންގައި ބެލެންސްޑް ގްރޯތް އާއި ހުރިހާ ރައްޔިތުންނަށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ހާއްޞަ އިސްކަމެއް ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މައުރޫފް ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން، އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒް ކުރުމަށްފަހު އެކުލަވާލާފައި މިވަނީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށްކަމަށެވެ.

އަދި ލޭންޑް ޔޫޒް ޕްލޭންގައި ބޯހިޔާވަހިކަމާއި އަދި އެހެނިހެން ތަރައްޤީގެ ކަންކަން ވަނީ ފުރިހަމަކޮށްފައެވެ.މީގެ އިތުރުން ދަތުރުފަތުގެ ކަންކަން ފަހިކުރުމަށް ބޭނުންވާ އިތުރު 11 ކަނެކްޝަން ވަނީ އިތުރުކޮށްފައެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން އަލުން ރިވައިޒްކުރުމަށްފަހު އިފްތިތާޙްކޮށްފައިވާއިރު، މި ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތަތައް އިތުރުކޮށް، އައު ކަންކަން ގެނައުމަކީވެސް މި ޕްލޭން ރިވައިޒްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމުގެގޮތުގައި އެޗްޑީސީން ފާހަގަކުރައްވައެވެ.

މި ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއްވެސް ދައްކާލާފައެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އައު ވެބްސައިޓު އިފްތިތާޙްކޮށްފައެވެ. އައު ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

ގުޅުންހުރި ލިޔުންތައް