ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގަވާ ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަންގުޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ، ކުރިއަށް ދިޔައީ ފަރުކޮޅުފުށީގައެވެ.
ރޭ ބޭއްވުނު ޙަފުލާގައި، ސަންގުޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ޙަވާލުކޮށްދެއްވުން އޮތެވެ. އެގޮތުން ސަންގުޓީވީ ސްޓާފް އޮފް ދި އިޔަރ 2024ގެ އިނާމު ޙާޞިލުކުރެއްވި މާހަތު ޙުސައިން ރަޝީދަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އަދި މޯސްޓް ޕްރޮމިސިންގ އެމްޕްލޯއި 2024 ޙާޞިލުކުރެއްވި އާމިނަތު ވިރުޝާއަށް އެވޯޑް ޙަވާލުކޮށްދެއްވީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދުއެވެ.
އެކި ގޮތްގޮތުން ފާހަގަކުރެވޭ ކާމިޔާބީތައް ޙާޞިލުކުރެއްވި މުވައްޒަފުންނާއި، އެކި ގޮތްގޮތުން ސަންގުޓީވީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށްވެސް މިރޭގެ ޙަފުލާގައި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުން އޮތެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ސަންގުޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ޚާއްޞަކުރެވިފައި އޮތް ކޭކެއް ފަޅުއްވައިދެއްވައި، މިރޭގެ އިހުތިފާލާ ގުޅުވައިގެން ކުރިއަށްދިޔަ ހަވާ އެރުވުމުގެ ހަރަކާތް ބައްލަވައިލައްވައިފައެވެ.
ޕްރައިވެޓް މީޑިއާއެއްގެ ގޮތުގައި ސަންގުޓީވީ އުފެދިގެން އައީ އެޕްރީލް 30، 2015 ގައެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ސަންގުޓީވީއިން އަންނަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. ސަންގުޓީވީގެ ކުޑައިގެ ދަށުން ޓީވީ ބްރޯޑްކާސްޓް ކުރުމުގެ އިތުރުން އޮންލައިން މީޑިއާ މަންސަތަކުގައިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރޭގެ ޙަފުލާގައި ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަޙީދުގެ އިތުރުން، ދަޢުލަތާއި މީޑިއާގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ސަންގުޓީވީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



