ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފިއެވެ.
އާރްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ، މިދިޔަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހު، އެރަށަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މަޑުއްވަރީގެ ޒުވާނުން ފުޓްބޯޅަ ކުޅެން ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަން ވެސް ހިމެނެއެވެ. އަދި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވައުދުފުޅުވެވަޑައިގެންފައެވެ.