މިއަދު ހުޅުއްވައިދެއްވި މ. މުލީ އެއާޕޯޓަކީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދައިދޭނެ ދޮރޯއްޓެއްގެ ގޮތުގައި ވެގެންދާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މ. މުލީ އެއާރޕޯޓް ހުޅުވުމާއެކު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވޭ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރުންވެފައިވާ ވަޢުދު، މުލަކު އަތޮޅުގައި މި ވަނީ ފުއްދަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ޚާއްޞަކޮށްގެން އެ އެއާޕޯޓްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުލީގެ ތަރައްޤީއަށް، އެތައް ދާއިރާއަކުން ކުރިއެރުން ހޯދޭނެ ދޮރޯއްޓަކަށް މުލީ އެއާޕޯޓްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދައިދެނިވި ދޮރޯއްޓެއް ކަމުގައި މުލީ އެއާޕޯޓްވާނެ ކަމުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މުލީ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫޢެކެވެ.



