- Advertisement -spot_img

މުލީ އެއާޕޯޓު ރައީސް ހުޅުވައިދެއްވައިފި

މ. މުލީ އެއާޕޯޓު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

މ. އަތޮޅުގައި އެންމެ ފުރަތަމަ އެއާޕޯޓު ރައީސް މުޢިއްޒު ހުޅުވައިދެއްވީ، އެރަށަށް ވަޑައިގެން، އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މުއްޔަށް ރައީސް ވަޑައިގަތުމުން އެރަށުގެ ގިނަ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއެކު އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓެއް އެންމެ ފުރަތަމަ ޖެއްސީ މިދިޔަ އޭޕްރިލް މަހުގެ 25 ގައެވެ.

މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ. މި އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލު ކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ އެއާޕޯޓު ހެދުމުގެ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާ އަށެވެ.

ނަމަވެސް ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 225 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377 ރުފިޔާއެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999 ރުފިޔާއަށް ވަނީ ޓިކެޓް ވިއްކައިފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާ ގޮތުގައި، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަންގެ އިތުރުން، ވިލާ އަދި މަންތާ އެއާލައިނަށް ވެސް ވަނީ ފުރުސަތު ހުޅުވައިލާފައެވެ.

މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން ވަނީ 14 ހެކްޓަރުގެ ބިންހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އަދި ޕެސެންޖާ ޓާމިނަލަކާ އެކު، 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް