ނިބުރުވެރި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކާއި އަމަލުތައް ހުއްޓާނުލާނަމަ، އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސިވިލާތް ފްރާންސް އަދި ކެނެޑާއިން ބުނެފިއެވެ.
މި ތިން ޤައުމުން ގުޅިގެން ނެރުނު ބަޔާނެއްގައިވަނީ އިސްރާއީލުން ގާޒާއަށް ދޭ ހޭ ހަމަލާތައް ހުއްޓާނުލައިފިނަމަ، ޣައްޒާއަށް ވައްދާ އެހީތަކަށް އަޅާފައިވާ ހުރަސްތައް ނުނަގައިފިނަމަ އެ ގައުމުތަކުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
މިގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުން ޣައްޒާގެ އާންމުންނަށް އަސާސީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިވެ އާބާދީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެކަންތައް އިސްރާއީލުން ހުއްޓާނުލައިފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް އެ ތިން ގައުމުން ވަނީ ބުނެފައެވެ.
ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވާފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ޣައްޒާގެ އިންސާނީ ހާލަތާ ގުޅޭގޮތުން ނުރައްކާތެރި އިންޒާރެއް ދީފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ޣައްޒާގެ ދެ މިލިއަން މީހުން ބަނޑަށް ޖެހިފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވަމުންދާ ޕްރެޝަރާ ހެދި އިސްރާއީލުން މިއަދު ވަނީ ޣައްޒާއަށް ކާބޯތަކެތި ވައްދަން ފުރުސަތު ދީފައެވެ. މިރޭ ތިން މަހެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް ވެއްދީ ތުއްތު ކުދިންގެ ކާނާއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ދިން ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދިން ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހު އިސްރާއީލުން އަލުން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް 3،340 މީހުން މަރުވެފައިވާއިރު، ހަނގުރާމައިގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 53،486 އަށް އަރާފައެވެ.