ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި މި އައު ރޫޓުގައި ހަފްތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރާނެއެވެ. އަދި ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު މި ދަތުރުތައް ކުރިއަށް ގެންދާނެއެވެ.
މި މަންޒިލަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ދިވެހިންނަށް ލިބެން ހުންނާނީ 299 ޑޮލަރު (4،610.58 ރުފިޔާ) އިން ފެށިގެންނެވެ.
އަދި ބިދޭސީންނަށް ދެކޮޅު ޓިކެޓް ލިބެން ހުންނާނީ 337 ޑޮލަރު (5،196 ރުފިޔާ) އިން ފެށިގެންނެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފްލައިޓް ޝެޑިއުލް ރޭވިފައިވަނީ ޗުއްޓީ އަދި ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށެވެ.
މިއީ މޯލްޑިވިއަންއިން އިންޑިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ ގޮތުން އަޅާފައިވާ އިތުރު ފިޔަވަޅެކެވެ.
މިހާރުވެސް މޯލްޑިވިއަންއިން ހަނިމާދޫއާއި އިންޑިއާގެ ތިރުވަނަންތަޕޫރަމްއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން ގެންދެއެވެ.