ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނ.މާޅެންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޝަރީފުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ހާމިދު , މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް، އަދި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުލް ސައްތާރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.