ޕޯޗުގަލްގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ ކުޅެން ފަށައިފިއެވެ.
ޤައުމީ ޓީމަށް ކުޅެން ފެށުމުން ވަރަށް ފަހުރުވެރިވާ ކަމަށް މިވަގުތު ސައުދީ ލީގުގެ އަލްނަސްރުގައި ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބުނެފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނީ އަންގާރަ ދުވަހު ކްރޮއޭޝިއާގައި ބޭއްވި މުބާރާތެއްގައެވެ. ޕޯޗުގަލް 15 އަހަރުން ދަށުގެ ގައުމީ ޓީމު މިހާރު ކުޅެމުންދަނީ ވްލަޓްކޯ މާކޯވިޗް މުބާރާތުގައެވެ. ޖަޕާނާ ދެކޮޅަށް ކުޅެ 4-1 އިން ކާމިޔާބުކުރި މެޗުގެ 54 ވަނަ މިނެޓުގައި އޭނާ ވަނީ ކުޅެން އަރުވައިފައެވެ.
އުމުރުން 14 އަހަރުގެ ރޮނާލްޑޯ ޖޫނިއާ ކުޅުނު މެޗު ބަލަން އޭނާގެ މާމަ ޑޮލޯރެސް އަވެއިރޯ ވެސް ވަނީ ގޮސްފައެވެ.
މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އާއި އެހެން ވެސް ޔޫރަޕުގެ އިސް ކުލަބުތަކުގެ ސްކައުޓުން ރޮނާލްޑޯ ޖޫނިއާ ކުޅޭތަން ބަލަން ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
”ޕޯޗުގަލް ޓީމުގައި ކުޅެން ފެށުމާ ގުޅިގެން މަރުހުބާ ދަރިފުޅާ. މިއީ އަހަރެން ވަރަށް ފަހުރުވެރިވާ ދުވަހެއް،“ ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އިންސްޓަގްރާމުގައި ބުންޏެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލްއަށް 136 ލަނޑު ޖަހާފައިވާއިރު، މިއީ ފުޓްބޯޅައިގެ ރެކޯޑެކެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ 2016 ވަނަ އަހަރު ޔޫރޯ އަދި 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކްލަބް ލެވެލްގައިވެސް ރޮނާލްޑޯ އަކީ ދުނިޔޭގެ އެއްވަނައެވެ.
ރޮނާލްޑޯ ޖޫނިއާ މިހާރު އުޅެނީ އޭނާގެ ބައްޕައާއެކު ސައުދީ އަރަބިއާގެ އަލް ނަސްރު ކްލަބުގައެވެ. ރޮނާލްޑޯ ސީނިއާ މި ކްލަބާ ގުޅުނީ 2022 ވަނަ އަހަރުއެވެ.