ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ”ޖެނެރޭޝަނަލް ބޭން“ ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ.

”ޖެނެރޭޝަނަލް ބޭން“ ބިލު ދިރާސާކުރުމަށް މެންބަރުންގެ ތެރެއިން ނެންގެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ ބިލަށް ކުދިކުދި އިސްލާހުތަކެއް ގެނެސްފައެވެ. ކޮމިޓީން ފާސްކުރި ގޮތާ އެއްގޮތަށް މަޖިލީހުން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”ޖެނެރޭޝަނަލް ބޭން“ އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް