ސަން ޓްރެވަލްސްއަށް ދޫކޮށްފައިވާ މިނާވަރާއި އުއްދޫ އަތުލީ އުސޫލުގެ ދަށުން ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިޔަށް ގެންދާ ”އަހާ ފޯރަމް“ ގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު މާރިޔާ ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކުން އެ މަޤްސަދު ހާސިލުވާ ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. މިނާވަރާއި އުއްދޫ އަކީ ވެސް ދަނޑުވެރި ކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ދެ ރަށް ނަމަވެސް ސާރވޭ ޓީމްތަކުން މޮނިޓަރ ކުރުމުން އެ މަޤްސަދު ހާސިލުވާ މިންވަރާއި ގާތަށް ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން އެ ދެ ރަށް ސަރުކާރަށް ނެގުމަށް ނިންމީ ކަމަށް ވިދާޅުވި އެވެ.
”އެ ދެ ރަށް އަޅުގަނޑުމެން އަތުލީ ހަމަ އުސޫލުގެ ދަށުން އެނގޭތޯ. ބަންޑާރަ ނާއިބުގެ ލަފަޔާ އެކީ އަދި ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކާ އެކީ“ ވަޒީރު މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާގެ އެދިވަޑައިގަތުމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ވަނީ އެ މައްސަލަ އިތުރަށް ސާފުކޮށް ދެއްވާފަ އެވެ.
އެޓަރނީ ޖެނެރަލް ވިދާޅުވީ އުއްދޫ ސަރުކާރަށް ނެގީ ނޫން ކަމަށާއި ކުރީން އޮތް 25 އަހަރުގެ މުއްދަތު ހަމަވީ ކަމަށެވެ. އަދި އެގްރީމަންޓް ހަމަވުމުން އާ ނުކުރަން ސަރުކާރުން ނިންމީ ކަމަށެވެ.
އުއްދޫ އަކީ ދ އަތޮޅު ރައްޔިތުން ދަތުރުދާނެ ރަށަކަށް ހަމަޖައްސަން ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ރަށެކެވެ.
މިނާވަރު ނެގީ ނޯޓިސް ދިނުމަށް ފަހު އެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްރަށް އެހެން މަސައްކަތްތަކަށް ބޭނުން ކުރަމުންދާ ކަމަށެވެ. އެފަދަ ރަށްތަކާއި މަސައްކަތް ނުކޮށް ހުރި ހުރިހާ ރަށެއް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ރޭ ވިދާޅުވި އެވެ.