ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ”އަހާ“ ފޯރަމްގެ 5 ވަނަ އެޕިސޯޑުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ވަޒީރު ވިދާޅުވި ގޮތުގައި ތަޢުލީމީ ނިޒާމުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރާނެއެވެ. ނަމަވެސް މިހާތަނަށް އައިއިރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަޞީލަތްތައް ނެތްކަން ވަނީ ފާހަގަކުރައްޗާފައެވެ.
އަދި މިވަގުތުވެސް މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް 600 އެއްހާ މުދައްރިސުން ރާޢޤޖޭގައި ބޭނުންވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
”އަޅުގަނޑުމެންގެ އިންކްލޫސިވް ޑިޕާޓްމަންޓުން މަޢުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގައި ސްކޫލްތަކުގައި ލޮލަށް ނުފެންނަ 5 ކުދިން އެބަތިބި. އެކަމަކު އެފަދަ ކުދިންނަށްވެސް ކިޔަވައިދޭނެ އެންމެ ފުރިހަމަ ވަޞީލަތްތަކެއް ނެތް.“ ވަޒީރު ވިދާޅުވިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4700 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނައީ ”މަލްޓިޕަލް ޑިސެބިލިޓީ“ ހުންނަ ކުދިންނެވެ. އަދި ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނެވެ.
މީގެއިތުރުން، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކަށް މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ފަށްޓަވާފައެވެ.
މިގޮތުން މިދިޔަ އަހަރު މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ވަނީ 135 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައެވެ.